ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވެފައި ވަނިކޮށް، މިއަދު އަލުން ގުނި މީދޫ 2 ނަންބަރު ވޯޓުފޮށިން ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލް ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ކަށަވަރުވެއްޖެއެވެ.
މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީގެ ސުހާ އިބްރާހިމް އާއި އެމްޑީއޭގެ މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެކަމަކު މިހާރު ސުހާއަށް ލިބުނު ވޯޓެއް ބާތިލުވުމުން އޭނާއަށް ލިބުނު ވޯޓު ވަނީ 391 އަށް މަދުވެފަ އެވެ. އެއާއެކު ޝާހިދު ވަނީ އެއް ވޯޓުގެ ތަފާތަކުން ކައުންސިލް ރައީސްގެ މަގާމު ހޯއްދަވާފަ އެވެ.
މީދޫ ދެ ނަންބަރު ވޯޓު ފޮށީގައި ކުރިން ޕީއެންސީގެ ވޯޓެއް ކަމަށް ގުނި ވޯޓެއް މިއަދު އަލުން ގުނައި ބާތިލު ކަމަށް ކަނޑައެޅީ އެ ވޯޓު ކަރުދާހުގައި ދެފަހަރު ރަނގަޅު ފާހަގަ ޖަހާފައިވާތީ އެވެ.
މީދޫ ކައުންސިލް ރައީސަކަށް އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް ލިބުނީ 100 ވޯޓެވެ. އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 87.15 ޕަސަންޓު މީހުން ވޯޓުލި އެވެ.





