Saturday, October 31
ފޮނަދޫގައި އިތުރު ވޯޓެއް އެޅި މައްސަލައެއް ފެންމަތިވެ، އެ ވޯޓު ބާތިލުކޮށްފި

ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓު ދިނުމުގެ ހައްގު ނެތް މީހަކު ވޯޓުލި މައްސަލައެއް ފެންމަތިވެ، އެ ވޯޓު ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅިގެންނެވެ. އެމްޑީއޭގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބެލިބެލުމުން، ލ. ފޮނަދޫގައި ބެހެއްޓި 3 ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަން ވަނީ ސާބިތުވެފަ އެވެ.

އެމްޑީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ލ. ފޮނަދޫ 3 ނަންބަރު ވޯޓު ފޮއްޓަށް ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވަނީ އެންމެ ހަތަރު މީހުންނެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވޯޓުލާން ފޮނަދުއަށް ގޮސްފައި ނުވާއިރުވެސް، ރަސްމީ ނަތީޖާއިން ދައްކާ ގޮތުގައި އެ ފޮއްޓަށް ހަތަރު މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓު އޮޅުވާލުމުގެ އަމަލެއް ކަމަށް އެ ޕާޓީން ތުހުމަތުކުރެ އެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެ ވޯޓު ބާތިލުކުރުމަށް ނިންމުމާއެކު، މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު މިހާރު ވަނީ އެއްވަރުވެފައެވެ. ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ކަށަވަރުވުމަކީ އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެދުނު ކަމެއް ކަމަށްވާތީ، ކޮމިޝަނުން ވަނީ އެ ވޯޓު އުނިކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، ވޯޓު އެއްވަރުވުމުން ދެން އަމަލުކުރާނެ ގޮތެއް ކުރިއަށް އޮތް ތަނުގައި އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު