Saturday, October 31
ފަވަރަ ޚިދުމަތްތަކަށް ހާއްސަ ހޮޓްލައިނެއް ތައާރަފުކޮށްފި

ޤައުމީ ޕޭމެންޓް ނިޒާމު ފަވަރަ މެދުވެރިކޮށް ދޭ ޚިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ، އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޮޓްލައިން ނަންބަރު "1544" ތައާރަފްކޮށްފައިވާ ކަމަށެވެ.

މި ހޮޓްލައިން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި ހޮޓްލައިނަކީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޯރުކޮށްދޭ ޕޭމަންޓް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި އެކި މައްސަލަތައް ލުއިފަސޭހަކަމާއެކު އަވަހަށް ހައްލުކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރެވުނު ނަންބަރެއް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ. މި ހޮޓްލައިން މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްއޭގެ ބެލުމުގެ ދަށުން ހިންގާ ޕޭމަންޓް މޯލްޑިވްސް އިންނެވެ.

އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި، މާލީ ޚިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރުވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެއެވެ. ނަމަވެސް އަލަށް ތައާރަފްކުރި 1544 ނަންބަރަކީ ފަވަރައާއި ޕޭމަންޓް މޯލްޑިވްސްއިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ޚިދުމަތްތަކަށް ޚާއްސަކުރެވިފައިވާ ނަންބަރެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު