ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، 3 މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް 5 އިންސައްތައަށް ކުޑަކޮށްފިއެވެ.
މިއީ ކުރިން އަމިއްލަ އަށް ޚަރަދުކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.
"އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ. މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް"، ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިންގ މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިންގ ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކު ކަމަށެވެ.
9% ގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން ވަނީ 5 އިންސައްތައަށް ކުޑަކޮށްފައެވެ.







