މ. މަޑުއްވަރީ އިރުމަތީ ބަނދަރު ތަރައްޤީކުރުމާއި، ހއ. ފިއްލަދޫ އަދި ބ. ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ.
މަޑުއްވަރީ އިރުމަތީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 51،580 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، 102،808 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 218 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށްޓެއްލުމާއި، 11 މީޓަރުގެ ސަރަހައްދެއްގައި އަޑީ ބޭރުތޮށްޓެއް ލުމާއި، 329 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 158 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 1،560 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 113.03 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ފިއްލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 31،480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، 156،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ބިން ހިއްކާ ވެލި ނެގުމަށްޓަކައި ފަޅު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 89 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށްޓެއް ލުމާއި، 30 މީޓަރުގެ ސަރަހައްދެއްގެ އަޑީ ބޭރުތޮށްޓެއް ލުމާއި، 1،156 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 45 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 814 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 118.51 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އަދި ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 95،182 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މިހާރު ހުރި އެއްގަމުތޮށީގެ 315 މީޓަރު ރޫޅާލުމާއި، 351 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 116 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 11 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 2،649 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 87.81 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.





