އާދިއްތަ, November 1
ޝާމިލުކުރުމުގެ ސިފަ އަށަގަންނުވަން ފެށެނީ، އެކަމަށްޓަކައި ހޭލުންތެރިވެ މާނަހުރި މަސައްކަތްތަކެއް ކޮށްގެން: ރައީސް

މުޖުތަމައުގެ އެންމެން ޝާމިލުކުރުމުގެ ސިފަ އަށަގަންނުވަން ފެށެނީ، އެކަމަށްޓަކައި ހޭލުންތެރިވެ، އޯގާތެރިކަން އިސްކޮށް، ނަތީޖާ ނެރެވޭފަދަ މާނަހުރި މަސައްކަތްތަކެއް ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުޖުތަމަޢުގެ ތެރޭގައި އެންމެން ބައިވެރިކުރުވުމާއި، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމުގެ ސިފަ އަށަގަންނުވަން ފަށަންޖެހެނީ ހޭލުންތެރިކަމާއި، ކުލުނާއި، އަދި މާނަހުރި ޢަމަލީ މަސައްކަތްތަކުން ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، އޯޓިޒަމަކީ މުޖުތަމަޢުގެ ސިންދަފާތުގެ މުހިންމު ބައެކެވެ. އަދި ކޮންމެ ފަރުދަކީވެސް އެހެން މީހުންގެ ފަރާތުން އިޙްތިރާމާއި، ހަމަހަމަ ފުރުޞަތުތަކާއި، އުނގެނުމާއި ކުރިއެރުމުގެ ޙައްޤު ލިބިގެންވާ، އަދި މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ މީހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގޭތެރެއާއި، ސްކޫލްތަކާއި، މަސައްކަތުގެ މާޙައުލުގެ އިތުރުން ޢާންމު ތަންތަނުގައިވެސް އެންމެން ބައިވެރިކުރުވުމުގެ ސަގާފަތެއް ބިނާކުރުމަށްޓަކައި ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، އޯޓިޒަމް ހުންނަ ކުދިންނަށް ކުރީބައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެންމެން ބައިވެރިކުރާ ތަޢުލީމީ ނިޒާމެއްގެ މުހިންމުކަމާއި، މުޖުތަމަޢުން އެކުދިން ބަލައިގަތުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އަދި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ޤައުމުގެ އިޖުތިމާޢީ ވަށައިޖެހުން ވަރުގަދަކޮށްދޭނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކަށް އެހީތެރިވެދޭނެ ޤައުމެއް ކަމަށެވެ. އެގޮތުން، ސްކޫލްތަކުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމާއި، މަސައްކަތުގެ ތަމްރީނުތައް ފުޅާކުރުމުގެ އިތުރުން، އެފަދަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮންމެ މީހަކަށްވެސް އިޙްތިރާމާއި، މަޤްޞަދަކާއެކު، އަދި މުޖުތަމަޢުގެ ބައެއްގެ ގޮތުގައި އިޙްސާސްކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށްޓަކައި، އިންސާނީ ކަރާމާތާއި، އެކަކު އަނެކަކު ބަލައިގަތުމާއި، އަދި ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، އެންމެންނަށް ޝާމިލުވެވޭނެހެން ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި، ސިކުނޑީގެ ތަފާތުވުންތައް ނުވަތަ "ނިއުރޯޑައިވަރސިޓީ" ބަލައިގަނެ، ސަރުކާރުގެ ސިޔާސަތުތަކުގައި އެކަން ރަންގަޅަށް ދެނެގަންނަންޖެހޭ ކަމަށެވެ. އަދި މުޅި މުޖުތަމަޢަށް ލިބޭ ކާމިޔާބީ ބިނާވެފައިވަނީ، އޯޓިޒަމް ހުންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ކުރިއަރައިދިއުމަށް ބޭނުންވާ ފުރުޞަތުތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމުގެ މައްޗަށް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ބައިވެރިންގެ ގޮތުގައި ބަލައިގަނެ، އެފަރާތްތަކަށް ލިބިގެންވާ އިންސާނީ ކަރާމާތާއި އަގު ވަޒަންކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު