އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
"މި އޮފީސް ހުޅުވިގެން ދިއުމަކީ މި ސަރަހައްދުގަ ދިރިއުޅޭ ފަރާތްތަކަށް، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ދައުލަތުން އެހީ ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް. އެންސްޕާ އަދި އާސަންދައިގެ ޚިދުމަތްތަކަކީ ބޮޑަށް ޑިޖިޓަލައިޒް ކުރެވިފަވާ ޚިދުމަތްތަކަކަށްވިޔަސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މިފަދަ ބޮޑެތި ސިޓީތަކުގަ އަޅުގަނޑުމެންގެ އޮފީސްތައް، އަޅުގަނޑުމެންގެ މުވައްޒަފުން ހަރަކާތްތެރިވާން ޖެހޭކަން"، ހީނާ ވިދާޅުވިއެވެ.
ދައުލަތުގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ސިއްޙީ ފަރުވާއާއި ގުޅިގެން ހޯދަންޖެހޭ އެކި ވަސީލަތްތައް ހޯދައިދިނުމަށް އެންސްޕާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެންސްޕާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލީ ޢިނާޔަތާއި އެފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޢިނާޔަތްތައް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްވެސް އެންސްޕާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ.
އާސަންދަ އަދި އެންސްޕާގެ ޚިދުމަތް ތަރައްޤީކޮށް، މި ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






