އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމާ ގުޅޭ ޤައުމީ ފޯރަމެއް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމްގައި ސަރުކާރުގެ އިދާރާތަކާއި ޔޫއެން އެޖެންސީތަކާއި، އެންޖިއޯސްތައް ބައިވެރިވެއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ މި ފޯރަމްގެ ތެރޭގައި އުމުރުން ދުވަސްވުމާއި ގުޅިގެން އަންނަ ބަދަލުތަކާއި، ސިއްޙީ ފަރުވާ އާއި ޑިމޮގްރަފިކް ޓްރެންޑްސް، އުމުރުން ދުވަސްވީ އާބާދީގެ ބޭނުންތަކާއި، އުމުރުން ދުވަސްވީ މީހުންގެ ސިއްޙީ އަދި އިޖުތިމާއީ ރައްކާތެރިކަމާއި ގުޅިގެން ހުރި ގޮންޖެހުންތަކާއި، ފައިނޭންސިންގ އިންތިޒާމުތަކާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅޭނެ މޮޑެލްތަކާއި، ވޯކްފޯސް ކެޕޭސިޓީ އާއި ގުޅޭ ކަންކަމާއި ،ޕްރިވެންޝަން އަދި މެންޓަލް ހެލްތާއި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭނެކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެ ކަމަށެވެ.
މި ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް 10 އަހަރުގެ ޑިމެންޝިއާ އެކްޝަން ޕްލޭންވެސް ވަނީ އިފްތިތާހް ކޮށްފައެވެ.
މި އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވީ ޞިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހީމެވެ.






