2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް އަންނަ މަހު ދައްކަންޖެހޭ ކޫޕަން ޕޭމަންޓް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން ދައްކާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ މި ސުކޫކަށް އަހަރަކު ދެ ފަހަރު (އޭޕްރީލް އަދި އޮކްޓޯބަރު މަހު) ކޫޕަން ޕޭމަންޓް ދައްކަން ޖެހެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މާލީ ވަޒީރު ވިދާޅުވީ، ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"އޭޕްރީލް 8 ވަނަ ދުވަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ޕޭމަންޓާ ގުޅޭ ހުރިހާ ތައްޔާރީތަކެއް ރޭވުމާ އެއްގޮތަށް ކުރިއަށް އެބަދޭ. ފައިސާ ދެއްކުމުގެ ކަންކަމާއި ކަމާގުޅޭ އެޖެންޓުންނާ މުއާމަލާތް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ވިލަރެސްކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
މި ސުކޫކާ ގުޅޭގޮތުން ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި މި ފައިސާ ދެއްކުމަށް 650 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، ދަރަނި އަދާކުރުމަށްފަހު ވެސް 150 މިލިއަނަށްވުރެ ގިނަ ޑޮލަރު ބާކީ ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މާލީ ވަޒީރު ވިދާޅުވީ، އެ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާއި މާލީ ވުޒާރާއާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އިންތިޒާމުތަކެއް ކަމަށާއި، އެ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.






