މިހާރު އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، 1 އެޕްރީލް 2026 އިން ފެށިގެން އިތުރު ހާލަތްތަކުގައި ވެސް އާސަންދަ މެދުވެރިކޮށް އެ ޚިދުމަތް ދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. 1 އެޕްރީލު 2026 އިން ފެށިގެން އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ ތެރޭގައި އިތުރަށް ހިމަނުއްވާފައިވަނީ، އެނދުމަތިކުރެވިފައިވާ ( ބެޑްރިޑެން ) ފަރާތްތައް އައުޓް ޕޭޝަންޓް ނެގުމަށް ގެނެވޭ ހާލަތްތަކާއި، ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް ( ވީލްޗެއަރ ބައުންޑް ) އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން ) އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތަކާއި، ސިއްޙީ މަރުކަޒުގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަޚްލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކާއި، އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރ ކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމުގެ އިތުރުން ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ހާލަތްތައް ހިމެނެއެވެ.
ހަމަމިއާއި އެކު މިހާރުވެސް އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ފޯރުކޮށްދެމުންދާ އިމަރޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށާއި، މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް އާސަންދައިގެ ޚިދުމަތް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ މިކަމަށް ލުއިތަކެއް ބޭނުންވެފައިވާ ޚިދުމަތެއް ކަމުން، މިކަން ނިންމަވާފައިވަނީ ކަމާއި ގުޅުން ހުރި ދާއިރާތަކާއި އެކު މަޝްވަރާކުރައްވާ، ފަންނީ ގޮތުންނާއި މާލީ ގޮތުން މިކަން ކުރިއަށްގެންދެވޭނެގޮތެއް ބައްލަވާ ހިސާބުތައް ބެއްލެވުމަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.







