ނޭޕާލްގެ ޚާރިޖީ ވަޒީރުގެ މަޤާމަށް އޮނަރަބަލް މރ. ސިޝިރް ކަނާލް ޢައްޔަން ކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، އެ މަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ނޭޕާލުގައި ބޭއްވި ކާމިޔާބު އިންތިޚާބަކަށްފަހު، ޚާރިޖީ ވަޒީރުގެ މަޤާމަށް މރ. ސިޝިރް ކަނާލް ޢައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
ވަޒީރު ވިދާޅުވީ މރ. ސިޝިރް ކަނާލް މަޤާމާ ހަވާލުވެވަޑައިގެންނެވީ ނޭޕާލްގެ ޑިމޮކްރެސީއަށް ވާސިލުވުމަށް ކުރާ ދަތުރުގެ ވަރަށް މުހިންމު ވަގުތެއްގައި ކަމަށާއި، މރ. ސިޝިރް ކަނާލްގެ ތަޖުރިބާ އާއި ހިންގުންތެރިކަމުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ނޭޕާލް އިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ނޭޕާލާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙުތިރާމާއި ދެކުނު އޭޝިއާގެ ސަރަހައްދީ ޤައުމެއްގެ ގޮތުގައި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އަސާސްތަކާއި ބަދަހި އެއްބާރުލުމުގެ މައްޗަށް ކަމަށެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގާތް ގުޅުން، ޚާއްސަކޮށް ރާއްޖޭގައި މަސައްކަތްކުރާ ނޭޕާލް ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބޭ ހިދުމަތްތައް ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާ މައިގަނޑު އެއް ދާއިރާގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމުން އިސްކަންދޭ ކަންތައްތަކުގައި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ނޭޕާލްގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އައުކޮށް އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.






