ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފި އެވެ.
މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެއްކަމަށް ސަރުކާރުން ބުނެއެވެ. ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ.
މި ގަވާއިދުގައި ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗް.ޑީ.ސީ މެދުވެރިކޮށްކަމަށާއި އަދި މިކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުންނެވެ. މީގެ އިތުރުން، ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗް.ޑީ.ސީގެ ޒިންމާއެއް ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ.
އައު އޮނިގަނޑުގެ ދަށުން އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، އުސްމިނާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) އާއި، އިމާރާތުން ދޫކުރަންޖެހޭ ހުސްޖާގަ (ސެޓްބެކް) އަދި ޕާކިންގްއާ ގުޅޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެއެވެ. މިއީ ހުޅުމާލޭގެ ދިރިއުޅުމުގެ މާހައުލަށް ބުރޫނާރާނެހެން އިގްތިސާދީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ކުރެވޭ ކަމެކެވެ. ހަމައެއާއެކު، ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، އަދި އާންމުންނަށް އުނދަގޫވާ ފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ގަވާއިދުގެ ދަށުން މަނާކުރެ އެވެ.
މި ގަވާއިދުގައި އިމާރާތުގެ ބައްޓަމާއި ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މިންގަނޑުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، އެޗް.ޑީ.ސީ އިން އާންމުކުރާ ސެޓްބެކް ޕްލޭންތަކާ އެއްގޮތަށް ބިންތައް ތަރައްގީކުރަންޖެހޭއިރު، އިމާރާތްތަކުގެ އެންމެ އުސްމިނަކީ 30.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭ ގޮތަށް ގަވާއިދުގައި ހިމަނާފައި ވެއެވެ. މީގެ އިތުރުން، އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި، ޓެރަސް، މެޒަނިން ފްލޯ އަދި ފުރާޅުމަތީގައި ހަދާ އޮނިގަނޑުތަކުގެ މިންގަނޑުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.







