ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރުގެ ގޮތުގައި 1655 ހަމަޖައްސައިފިއެވެ.
ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރު އާއްމުކުރީ، މާލެ ޓެކްސީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެމްޓިސީސީއިންނެވެ.
އެ ކުންފުނިން މިއަދު އާއްމުކުރި ޕޯސްޓުގައި ބުނީ، އަލަށް ތައާރަފްކުރާ ޓެކްސީ ޚިދުމަތުގެ ހޮޓްލައިން ނަންބަރުގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
Launching soon —
📞 1655 | Malé Taxi HotlineA dedicated helpline for a safer, smoother taxi experience.#RayyithungeTaxi #MTCCTransport #RayyithungeKunfuni pic.twitter.com/nXc1sB96rH
— MTCC Plc (@MTCCPlc) March 23, 2026
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ޓެކްސީތައް މާލެ ގެނައުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މާރިޗު 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ދެ ބެޗަކަށް ބަހާލައިގެން ތިން މޮޑެލްއެއްގެ ކާރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުރަތަމަ ބެޗް ތައިލެންޑުން ގެންނަން ނިންމިއިރު ދެވަނަ ބެޗްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ.
ޓެކްސީ ލައިން ފަށަން ޑްރައިވަރުން ހޯދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކޮށްފައިވެއެވެ. އަދިވެސް އިތުރަށް ޑްރައިވަރުން ބޭނުންވާތީ އިތުރު ވޯކް-އިން އިންޓަވިއުތައް ބާއްވަން ވަނީ ނިންމައިފައެވެ. ޓެކްސީ ލައިނަށް ހޯދަނީ ފުލްޓައިމް ޑްރައިވަރުންނާއި ޕާޓްޓައިމް ޑްރައިވަރުންނެވެ.





