އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު އެ ވުޒާރާގެ އާ ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އިޖުތިމާޢީ ވުޒާރާއިން ބުނީ އެ ވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އާ ވެބްސައިޓެއް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ވެބްސައިޓްގައި 'އެހީ ވަމާ' ބައިގެ ދަށުން ފެނިގެންދާ ޓްރަސްޓް ފަންޑަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ 'ބަނޑޭރި ޕޭ' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮނޭޝަން ނުވަތަ އެހީ ބަލައިގަންނަމުންދާނެ ކަމަށް އިޖުތިމާޢީ ވުޒާރާއިން ބުނެއެވެ.
މި ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ހިމެނޭ ކަންކަން:
- ޢާއިލާއަކަށް ކާންދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން.
- ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ އާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.
- ކުއްޖަކު ސްޕޮންސަރ ކުރުން: ސްޕޮންސަރޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ބައިވެރިވުން.
- ވޮލަންޓިއަރ ނުވަތަ އިންޓަރން އަކަށްވުން: މިނިސްޓްރީގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.
- އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ އާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.
އެހެންކަމުން އިޖުތިމާޢީ ވުޒާރާއިން ވަނީ، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހޯއްދެވުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފްޞީލުތައް ބެއްލެވުމަށް އާ ވެބްސައިޓް ބޭނުންކުރެއްވުމަށް އެދިފައެވެ.






