އިސްލާމީ ދާއިރާއިން 14 ރަށެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްޓަކައި މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
މިރޭ ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި، މ. މުލަކުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުން ހިމެނެ އެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ދ. ކުޑަހުވަދޫއާއި ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް އައްޔަބޭ ޕާޓްނާސްއާ ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ލ. ފޮނަދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމަށް ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، ނ. މަނަދޫ، ރ. ދުވާފަރު، ނ. ވެލިދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ އިތުރުން އެ ކުންފުންޏާއި ވަނީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއި ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށްވެސް ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ބ. އޭދަފުށީގައި އިސްލާމީ މަރުކަޒު ޢިމާރާތްކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިރޭ ހަވާލުކޮށްފައިވެ އެވެ.
އިސްލާމީ ދާއިރާއިން މިހާރުވެސް 90 އަށްވުރެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މީގެ ތެރޭގައި ވަޤްފު ޢިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ.






