ޖަނަވާރުންނަށް އަނިޔާކުރާކަން ފާހަގަކުރެވިއްޖެނަމަ ރިޕޯޓުކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އެދެފިއެވެ. އެ ވުޒާރާއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާއި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް އެ ވުޒާރާއާސް ލިބެމުންދާ ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. "ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް"، އެ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން އެ ވުޒާރާއިން ބުނީ ދާދިފަހުން ތަޞްދީޤުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" (25-2025) ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް މިހާރު ވަނީ ޤާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައި ކަމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ މި ޙައްޤުތަކުގެ ތެރޭގައި ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަމާއި، ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަމާއި، ޖިސްމާނީގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަމާއި، ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން އަދި އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން ހިމެނޭ ކަމަށެވެ. އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ޤާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ޤާނޫނީ ފިޔަވަޅުތައް އެޅޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. މީގެއިތުރުން، ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން ޚާއްސަ އުސޫލުތަކެއް ވަނީ ތަރުތީބުކުރެވިފައެވެ. އެ މާއްދާގައި ކަނޑައަޅާފައިވާ މުހިންމު ނުކުތާތަކަކީ:
- ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެކެވެ.
- ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެކެވެ.
- (ނ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
- (ރ) މި މާއްދާގެ (ށ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.






