Wednesday, November 11
ސަޢޫދީން އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހައިފި

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރު، އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިއެވެ.

ސަޢުދީގެ އިސްލާމިކް މިނިސްޓްރީން ވަނީ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައެވެ.

މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި މި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއާއިމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނުގެ މަސައްކަތްޕުޅަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅު ވަޒީރު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު