އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް މިސައިލް ހަމަލާތަކެއް އަމާޒުވެ، އެމްބަސީގެ އިމާރާތުން ދުން އަރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިރާގުގެ ސަލާމަތާ ބެހޭ މަސްދަރަކުތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން ހޮނިހިރު ދުވަހު ދިން މި ހަމަލާގައި އެމްބަސީގެ ވައިގެ ދިފާއީ ނިޒާމުގެ ބައެއް ވަނީ ހަލާކުވެފައެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މަޢުލޫމާތު ދިން ސަލާމަތީ އޮފިޝަލުން ބުނި ގޮތުގައި، މިސައިލް އަމާޒުވެފައިވަނީ އެމްބަސީގެ ތެރޭގައި އޮންނަ ހެލިކޮޕްޓަރު ޖައްސާ ސަރަހައްދަށެވެ. މި ހަމަލާ އަމާޒުވީ އިރާގުގެ ސަރުކާރުގެ އިދާރާތަކާއި ބޭރުގެ އެމްބަސީތައް ހުންނަ، އަދި ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ 'ގްރީން ޒޯން' ގެ ތެރޭގައެވެ.
މި ހަމަލާއާ ގުޅިގެން ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަލާއަށްފަހު އެމްބަސީ ހިމެނޭ ސަރަހައްދުން ބޯކޮށް ދުން އަރަމުންދެއެވެ.
ބަޣުދާދުގައި ހުރެ މަޢުލޫމާތު ދިން އަލްޖަޒީރާގެ ރިޕޯޓަރު މަހްމޫދު އަބްދުލްވާހިދު ބުނި ގޮތުގައި، މި ހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުން އަބަދުވެސް ދަނީ އެމެރިކާގެ މަރުކަޒުތަކަށް، ހާއްސަކޮށް އެމްބަސީއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.
މި ހަމަލާއަކީ މި ހަނގުރާމަ ފެށުނުއިރު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު، އާޔަތުﷲ އަލީ ޚާމަނާއީ އާއި އޭނާގެ އާއިލާގެ މެންބަރުންގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ.
ރިޕޯޓަރު އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ ޑިޕްލޮމެޓިކް މުވައްޒަފުން ތިބި ތަނެއްގެ މަޢުލޫމާތު ދޭ ކޮންމެ މީހަކަށް އެއްލައްކަ ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެ ޖަމާއަތްތަކުން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ. އަދި ބައެއް މުވައްޒަފުން އާންމުން ދިރިއުޅޭ ގެތަކުގައި ރައްކާތެރިކަން ހޯދަމުންދާ ކަމަށްވެސް އޭނާ ބުންޏެވެ.
މިއީ މި ހަނގުރާމަ ފެށުނު ފަހުން ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދިން ދެވަނަ ފަހަރެވެ. ހުކުރު ދުވަހު އެމްބަސީން ވަނީ އިރާގަށް ދީފައިވާ ސަލާމަތީ އިންޒާރު "ލެވެލް 4" އަށް އާކޮށްފައެވެ. އެ އިންޒާރުގައި ބުނެފައިވަނީ އީރާނާއި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން މީގެ ކުރިންވެސް އެމެރިކާގެ ރައްޔިތުންނަށާއި ތަންތަނަށް ހަމަލާދީފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހަމަލާތައް ދީފާނެ ކަމަށެވެ.
ދުނިޔޭގައި ހުރި އެމެރިކާގެ އެންމެ ބޮޑު އެއް ޑިޕްލޮމެޓިކް މަރުކަޒު ކަމަށްވާ މި އެމްބަސީއަށް މީގެ ކުރިންވެސް ތަކުރާރުކޮށް ރޮކެޓާއި ޑްރޯން ހަމަލާތައް އަމާޒުވެފައިވެއެވެ.






