Saturday, October 31
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ނިކުންނާނީ ރަނގަޅު ނަތީޖާއެއް: ޝިހާބު

ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަމުން ނިކުންނާނީ ރަނގަޅު ނަތީޖާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ މަހު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދޭ "ހޭލުން" މި ޕްރޮގްރާމުގައި މައުލޫމާތުދެއްވަމުންނެވެ.

މުޙައްމަދު ޝިހާބު ވިދާޅުވީ، އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ގަބޫލުކުރައްވާގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.

ޝިހާބު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ގޮތް ނިންމުމުގެ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށެވެ. މި ފަހުގެ އިންތިޚާބުތަކުން ދައްކާގޮތުގައި ރިޔާސީ އިންތިޚާބަށްފަހު، ރައްޔިތުން އެއިރެއްގައި ހުންނަ ރައީސަކު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ ބޮޑު މެޖޯރިޓީ ދޭ ކަމަށާއި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ ބަދަލުގައި ގާބިލު ބޭފުޅުން އިންތިޚާބުކުރަން ރައްޔިތުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި މަޖިލިސް އިންތިޚާބާ އެކުއެކީގައި ބާއްވައިފިއްޔާ އަޅުގަނޑު ދެކޭގޮތުގައި އެވަރަކަށް އެހެނެއް ނުދާނެ. އޭގެ ރަނގަޅު ނަތީޖާއެއް ނުކުންނާކަމަށް އަޅުގަނޑަށް ފެންނަނީ. ފްރީ އެންޑް ފެއާކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް ވާދަކުރައްވާނީ ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގި. އަނެއް ސިސްޓަމްގައި ވާގޮތަކީ އަޅުގަނޑުމެންނަށް އެނބައިނގޭ، ދިވެހި ރައްޔިތުންނަށްވެސް މިހާރު ވެރިއަކަށް ހުންނެވީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްކަން" މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ އިންތިޚާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަންވެސް ގެއްލޭނެ ކަމެއް ކަމަށާއި އެއް ދުވަހެއްގައި އިންތިޚާބުތައް ބާއްވާނަމަ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ. އަދި މާލީގޮތުން ބެލިނަމަވެސް އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ މާލިއްޔާއަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމެއް ކަމަށްވެސް މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު