ޒަމާނުއްސުރެ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ޖެނެރޭޓަރ އައްޑޫ ސިޓީއަށް ގެންދިއުމުގެ މަސައްކަތްކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިވްސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޖާޙް ވިދާޅުވީ 2024 ވަނަ އަހަރު ހައިސްޕިޑް ދެ ޖެނެރޭޓަރ ގެނގޮސް އިންސްޓޯލް ކޮށްފައިވާ ކަމަށާއި 2025 ވަނަ އަހަރު ފަސް ޖަނަރޭޓަރ އައްޑޫއަށް ގެންގޮސް ޚިދުމަތް ދެމުން އަންނަކަމަށެވެ.
މީގެ އިތުރުންވެސް މިއަހަރުގެ މިހާރު އިތުރު ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އެގޮތުން އެއް ޖެނެރޭޓަރު މިހާރު ޝިޕް ކުރެވި އައުމުގެ މަގުމަތީގައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި އެ ޖެނެރޭޓަރ އައްޑޫއަށް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. ދެވަނަ ޖަނަރޭޓަރ ކުރިއަށްއ އޮތް ފަންސަވީސް ދުވަހުގެ ތެރޭގައި އައްޑޫއަށް ފޯރުކޮށްދެވޭނެ ކަމަށް ނަޖާހް ވިދާޅުވިއެވެ.
ނަޖާޙް ވިދާޅުވީ އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް މިހާރު މަސައްކަތް ހަވާލުކޮށްފައިވާ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް އެއްކޮށް ނިމުމުން ހައްލުވާނެކަމަށެވެ.





