އާންމު ސާފުތާހިރުކަމާ ޚިލާފަށް ބައެއް ކާބޯތަކެތި އުފައްދާ މާކެޓްކުރަމުން ދިޔަ ތަނުގެ މަސައްކަތް ހުއްޓާލުމަށް އަންގައިފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު އަދި މިނޫނަސް މިފަދަ ބާވަތްތަކުގެ ބަންދުކުރި ކާބޯތަކެތި އުފައްދާ މާކެޓް ކުރުމުން އަންނަ " ބިލެތްމާ ޓޭސްޓީ" ނަމަކަށް ކިޔާ ތަނެއް ބަލާ ފާސްކުރި އިރު އެތަނަކީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެ ތަނުގައި ކުރަމުންއައި މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.
އެ އޮތޯރިޓީން ވިދާޅުވީ އެފަދަ ތަންތަން ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެ އޮތޯރިޓިގައި ރަޖިސްޓްރީކުރަން ލާޒިމްވި ކަމުގައި ވީނަމަވެސް އެތަނަކީ ރަޖިސްޓަރކޮށްފައިވާ ތަނެއް ނޫންކަމަށެވެ. އެ އޮތޯރިޓީން ވަނީ ރައްކާތެރުކަމުގުގެ ފިޔަވަޅެއްގެ ގޮތުން އެފަރާތުން މާކެޓް ކުރާ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އަންގާފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބުނެފައިވަނީ، ކާބޯތަކެތި ވިއްކާ ތަންތަން ރަޖިސްޓަރކޮށް ޚާއްސަ ލައިންސަންސެއް ނަގަންޖެހޭކަމަށެވެ. އަދި ކާބޯތަކެތި އެތެރެކުރުމާއި ލޭބަލްކުރުމާއި އުފެއްދުމާ ވިއްކުމުގެ ޤަވައިދުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.
ގަޑުބަޑުކޮށްފައި ހުންނަ ކާބޯތަކެއްޗާއި އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައި ހުންނަ ކާބޯތަކެތި، ރާއްޖެ ގެނައުން މަނާކޮށްފަވާ ކާބޯތަކެތި އަދި ސިއްޙަތަށް ގެއްލުންދޭ ކާބޯތަކެތީގެ މައްސަލަތަކުގައި 10،000އާއި 750،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރެވޭގޮތަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ.
މިފަދަ އަމަލެއްގެ ސަބަބުން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ އެ ފަރާތެއް 1،000،000 (1 މިލިޔަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.






