ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން މުސްޙަފް ފޯރުކޮށްދެވިފައިވާ މިސްކިތްތަކަކީ މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)، މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)، މަސްޖިދުއްތަޢުބާ (ނ. މަނަދޫ)މ މަސްޖިދު ރައްޔާން (ސ. މަރަދޫ)، މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)، މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)، ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)، މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)، މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)، މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)، މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)، މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)، މަސްޖިދުލް ސަލާމް (ލ. ގަން) އަދި މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)އެވެ.
2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ. އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް މި މުސްޙަފްތައް ހަދިޔާކުރަމުން ގެންދާ ކަމަށް އެ ވުޒާރައިން ބުނެއެވެ.







