1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5،482،171.00 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 ރުފިޔާއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ހަތް ޕްލެޓްފޯމްގެ ތެރޭގައި ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ އާއި، އުރީދޫ އެމް ފައިސާ މޯބައިލް އެޕް އާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް އާއި، ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް އާއި، ފަހިޕޭ މޯބައިލް އެޕް އަދި އަވަސް މޯބައިލް އެޕްގެ އިތުރުން ބަނޑޭރި ޕޭ ވެބްސައިޓް ހިމެނެއެވެ.
މީގެ ތެރެއިން ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރުތަކުންވެސް މާރިޗު 10 އިން މާރިޗު 19 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ޒަކާތް ބަލައިގަންނާނެއެވެ.
ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެއް ކަމަށްވުމުން، އެ ވުޒާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް ފިޠުރު ޒަކާތް ދެއްކުމަށް ހަނދުމަކޮށްދީފައެވެ.






