ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ / ހިތިލާގެ، ޢަލީ ޢިރުފާނު (28އ) އާއި ދަނޫޝްކާނދަން ގޯޕާލް، އިންޑިއާ (19އ) އާއި ކަތިރިވިލް މަނިމަރަން، އިންޑިއާ (21އ) އެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށެވެ.
މިގޮތުން ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތު މި މާރިޗު މަހުގެ 3 ވަނަ ދުވަހު ކަމަށާއި، މައްސަލައާ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






