Thursday, November 12
އެފްޑީސީ ފުލެޓުތައް ކުއްޔަށް ދޭނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފުލެޓު އަތުލާނެ: ހަމްދާން
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލެޓުތައް ކުއްޔަށް ދޭނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފުލެޓު އަތުލާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. ހަމްދާން މިހެން ވިދާޅުވީ އަމާން އުދަރެސްގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދޫކުރާ ކަމަށް ބުނެ މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގެ ސްކްރީންޝޮޓެއް ހިއްސާކޮށް އެކްސްގައި މީހަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ހަމްދާން ވިދާޅުވީ މި މައްސަލަ މިއަދުގެ ވަގުތެއްގައި ސަމާލުކަމަށް އައުމާ ގުޅިގެން، މިކަން އިތުރަށް ބަލައި ތަޙުޤީޤު ކުރުމަށް މިހާރު ޓީމަށް އަންގާފައިވާނެ ކަމަށެވެ. ހަމްދާން ވިދާޅުވީ އެފްޑީސީ ފުލެޓްތަކަކީ ކުއްޔަށް ހިފާ ފަރާތުން އަލުން އެހެން ބަޔަކަށް ކުއްޔަށް ދޫކުރުން މަނާ ތަންތަން ކަމަށާއި، އެއީ ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި ސޯޝަލް ހައުސިންގް ޔުނިޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޫކުރާ ފަރާތްތައް ހޯދައި، އެފަރާތްތަކާ މެދު އެފްޑީސީން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، މިގޮތުން އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމާއި، ވެފައިވާ އެއްބަސްވުން ބާޠިލުކުރުން ހިމެނޭ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. މީގެ އިތުރުން ހަމްދާން ވިދާޅުވީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގާ މިފަދަ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ބޭނުމަކީ، ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އެހެންކަމުން، މިފަދަ ތަންތަން ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކޮށް ނަފާ ހޯދުމަކީ މި މަޝްރޫޢުތަކުގެ އަސާސީ މަޤްޞަދު ގެއްލި، ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނަ ނާތަހުޒީބު އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމްދާން ދަނީ އެންމެންވެސް މިފަދަ ކަންކަމުން ދުރުހެލިވެ، މިއަށްވުރެ ރަނގަޅު ބަޔަކަށް ވުމަށް ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު