Monday, November 2
ލެބޯޓަރީއާއި އެކު ކާނާއާއި ބޭހުގެ ކޮލިޓީ ކަށަވަރުކުރެވޭނެ: ނާޒިމް

ރާއްޖޭގައި ޒަމާނީ ފެންވަރުގެ ހިދުމަތްތައް ދެވޭނެ އަދި މުހިއްމު ތަހުލީލުތައް ކުރެވޭނެ އެންމެ ފަހުގެ އާލަތްތަކާއެކު ގާއިމުކުރެވޭ ޖާގައިގެ ގޮތުން ތަނަވަސް ގައުމީ ސިއްހީ ލެބޯޓަރީއެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭ ކޮންޓްރެކްޓުކުރެވި އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިއްހީ ވުޒާރާގެ ދަށުން ހިންގަމުންދާ އެމްއެފްޑީއޭގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާާޅުވީ އެމްއެފްޑީއޭގެ ދަށުން ހިންގަމުންދާ ގައުމީ ސިއްހީ ލެބޯޓަރީ ހިންގަނީ ޖާގައިގެ ގޮތުން ވަރަށް ދަތި ގޮތަކަށް ހެލްތު މިނިސްޓްރީ ހިންގަަމުންދާ ރޯޝަނީ ބިލްޑިންގައި ކަމަށެވެ.

އެ ލެބޯޓަރީއަކީ ރާއްޖެއަށް އެތެރެކުރާ ބޭހާއި، ރާއްޖޭގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ހުރިހާ ތަހުލީލުތަކެއް ހެދުމަށް ބޭނުންކުރަމުންދާ ލެބޯޓަރީއަށްވާއިރު ޖާގައިގެ ގޮތުން އެކަށީގެންވާ އިމާރާތެއްގައި އެ ލެބޯޓަރީ ހިންގުމަކީ އެތަނުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދިއުމަށް މުހިއްމު ކަމެކެވެ.

ވަޒީރު ހާމަކުރެއްވި ގޮތުގައި ގައުމީ ސިއްހީ ލެބޯޓަރީގެ އައު އިމާރާތެއް އެޅުމަށް ބޭނުންވާ ފައިސާ މިހާރުވަނީ ހަމަޖެހިފައެވެ. އެ އިމާރާތް އެޅުމަށް ބޭނުންވާ ޔޫރަޕިއަަން އިންވެސްޓުމެންޓު ބޭންކުން 25 މިލިއަން ޑޮލަރުވަނީ ހަމަޖެހިފައެވެ. މިހާރު ކުރިއަށްދަނީ އެ  މަޝްރޫއުގެ ކޮންސަލްޓެންސީ މަރުހަލާއެވެ. ޖަރުމަނު ކުންފުންޏަކާ 1.2 މިލިއަން ޑޮލަރަށް ކޮންސަލްޓެންސީ މަސައްކަތް ހަވާލުކުރީ ނޮވެންބަރު މަހުއެވެ. އެ މަސައްކަތް ނިންމައި އިންޓަނޭޝަނަލް ޓެންޑާއަށް އަންނަ ޖޫން މަހު ހުޅުވައިލެވޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މިހާރު މި އިމާރާތް އެޅުމަށް 26،000 އަކަފޫޓުގެ ބިމެއް ހަމަަޖެހިފައިވާއިރު، އެ ބިމުގައި ނުވަ ފަންގިފިލާގެ އިމާރާތަކާއި ތިން ފަންގިފިލާގެ އިމާރާތެއް ގާއިމުކުރާނެއެވެ. އެއް އިމާރާތުގައި ތަހުލީލުތައް ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވޭއިރު ދެވަނަ އިމާރާތަކީ އިދާރީ ކަންކަމާއި އެމްއެފްޑީއޭގެ ފަންނީ މަސައްކަތްތަކަށް ބޭނުންކުރެވޭނެ އިމާރާތެވެ.

މި ލެބޯޓަރީ ގާއިމުވުމުން ވައިރޮލޮޖީ ރިސްކު ލެވެލް އެކެއް އަދި ތިނެއްގެ ވައިރަސްތަކާއި، ބެކްޓީރިއާއާ ގުޅޭ ތަހުލީލުތައް ހެދުމަށް ފެށޭނެކަމަށާއި، މިހާރު ހަދަމުންދާ ބޭހާއި ކާބޯތަކެއްޗާ ގުޅޭ ތަހުލީލުތައް ހެދުމުގެ ހިދުމަތްތައް ފުޅާކުރެވި، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ހިދުމަތްތަކުގެ ފެންވަރު މަތިކުރެވިގެންދާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

"މީގެ ސަބަބުން ރާއްޖެއަށް އެތެރެކުރެވޭ އަދި ރާއްޖެއިން ބޭރުކުރެވޭ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދަންޖެހޭ ތަހުލީލުތައް އިތުރަށް ފުރިހަމަވެ ފުޅާވެގެންދާނެ. މީގެ އިތުރުން ސިއްހީ ދާއިރާގެ ހޯދުންތައް ހޯދުމަށް ހަދަންޖެހޭ ދިރާސާތަކަށް ފަހިވެގެންދާނެ،" ނާޒިމު ވިދާޅުވިއެވެ.

އެ ލެބޯޓަރީވާނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ މުވައްޒަފުންނަށް ބޭނުންވާ ކަންކަންވެސް ފުރިހަމަކުރެވިފައިވާ ތަަނަކަށްކަމަށާއި، އެގޮތުން ލައިބްރަރީއާއި މަލްޓި ޕާޕަސް ހޯލާއި ކަސްރަތުކުރެވޭނެ ގޮތާއި ޗައިލްޑް ކެއާއާއި ނަމާދުގެއާއި އެނޫންވެސް ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު