Monday, November 2
ރާއްޖޭގެ އެކި ސަރަހައްދުގައި 445 ބޭސްފިހާރަ އެބަހުރި: އެމްއެފްޑީއޭ

ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފާއިތުވި އަހަރު މުޅިން އަލަށް 363 ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ރަޖިސްޓްރީކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާއިން ހާމަކުރި ގޮތުގައި ފާއިތުވި 2025 ވަނަ އަހަރު ބޭސް ލިބޭ މިންވަރުގެ މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް އެ އިދާރާއިން ކުރިއެވެ.

ނިމުނު އަހަރު ޖުމްލަ 594 ބޭހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅުނުއިރު އޭގެ ތެރެއިން 363 ބޭހެއް ރާއްޖޭގައި ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެމްއެފްޑީއޭއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުގައި އެ އިދާރާއިން ހުއްދަ ދީގެން ހިންގަމުންދާ 445 ބޭސްފިހާރު އެބަހުއްޓެވެ. އަދި ނިމުނު އަހަރު އެކި މައްސަލަތައް މެދުވެރިގެން 33 ބޭސްފިހާރައެއްގެ ހުއްދަ ބާތިލުކުރިއިރު އަލަށް 20 ބޭސްފިހާރައަކަށް ހުއްދަ ދެވިފައިވެއެވެ.

ރާއްޖޭގައި ހިންގަމުންދާ 445 ބޭސްފިހާރައިގެ ތެރެއިން 270 ބޭސްފިހާރައަކީ އަތޮޅު ތެރޭގައި ހިންގަމުންދާ ފާމަސީތަކެވެ. މާލޭގައި އެމްއެފްޑީއޭގެ ހުއްދައާއެކު 175 ފާމަސީއެއް ހިންގަމުންދާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިވަގުތު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ 63 ފަރާތަކަށެވެ. 2025 ވަނަ އަހަރު އަލަށް 15 ފަރާތަކަށް ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެފްްޑީއޭއިން ދޫކުރިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމު ވިދާޅުވީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ބޭހުގެ ކޮލިޓީ ކަށަވަރުކުރުމާއެކު ވީހާވެސް އަގުހެޔޮކޮށް ބޭސް ލިބޭނެ ގޮތްތައް ހޯދުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު