Saturday, October 31
މިއަހަރު 23 އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެންނަން ނިންމައިފި

މި އަހަރު ތެރޭ އިތުރު 23 އައިސް ޕްލާންޓުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވީ މަސްވެރިންނަށް އައިސް ލިބުން ދަތިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހަ ރަށެއްގެ އައިސް ޕްލާންޓުގެ މަސައްކަތް ނިމިފައިވާކަމާއި، އެތަންތަނުން މިހާރު މަސްވެރިންނަށް އައިސް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ގއ.ގެމަނަފުއްޓާއި، ގއ.ދެއްވަދޫއާއި، ށ.ފުނަދޫއާއި، ދ.މީދޫއާއި، ދ.ބަނޑިދޫގައި ގާއިމުކުރެވިފައިވާ އައިސްޕްލާންޓުތަކެވެ.

ގެމަނަފުށީ އައިސްޕްލާންޓަކީ 100 ޓަނުގެ އައިސް ރައްކާކުރެވޭ 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެކެވެ. ދެއްވަދޫ އައިސް ޕާންޓަކީ 25 ޓަނުގެ އައިސް އުފައްދައި ތިރީސް ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓަކަށްވާއިރު ފުނަދޫއާއި މީދޫ އަދި ބަނޑިދޫ އައިސްޕްލާންޓުތަކަކީ 30 ޓަނުގެ އައިސް އުފެއްދުމާއެކު 50 ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓުތަކަކެވެ.

"ށ،ފުނަދޫގައި ގާއިމުކުރެވުނު އައިސްޕްލާންޓާއެކު ހަމަ ގައިމުވެސް އުތުރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ. އަދި ރާއްޖޭގައި އެންމެ ފުޅާކޮށް މަސްވެރިކަންކުރާ ހުވަދު އަތޮޅުގައި ދެ ޕްލާންޓު ގާއިމުވެގެން ދިއުމަކީ އެ އަތޮޅުގެ މަސްވެރިންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިހާރު ނުވަ އައިސް ޕްލާންޓެއްގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އެއީ ލ.މާބައިދޫ، މ.ވޭވަށް، ޅ.ނައިފަރު، ށ.ކޮމަންޑޫ، މ.މުލަށް، ލ.މާވަށް، ލ.ހިތަދޫ، ހދ.ކުޅުދުއްފުށި އަދި ދ.ހުޅުދެލީގެ އައިސް ޕްލާންޓެވެ. މިއިން ބައެއް ތަންތަނުގެ އަމަަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ތަންތަނުގެ މަސައްކަތުގެ ލިޔެކިޔުމުގެ މަރުހަލާ ކުރިއަށްދަނީއެވެ.

މިތަންތަނުގެ އިތުރަށް ސައުދީ ފަންޑުން ފަސް އައިސް ޕްލާންޓެއް އެޅުމަށް އިއުލާނުކުރެވިފައިވެއެވެ. އަދި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ގއ.މާމެންދޫއާއި ގއ.ވިލިނގިއްޔާއި އެ އަތޮޅު މާމެންދޫގައި މި އަހަރު އައިސް ޕްލާންޓު ގާއިމުކުރަންވަނީ ނިންމާފައެވެ.

"ވަރަށް ގިނަ އައިސްޕްލާންޓުގެ ވާހަކަ މިދެއްކީ ގާތްގަނޑަކަށް 23 އައިސްޕްލާންޓެއް އޮޕަރޭޝަނަށް ގެނެވިގެންދާނެ. އަޅުގަނޑު ޔަގީންކުރަނީ ސައުދީ ފަންޑުގެ އައިސްޕްލާންޓުތައް ހިމެނޭހެން މިދެންނެވި ހުރިހާ އައިސްޕްލާންޓުތައް މި އަހަރު  އޮޕަރޭޝަނަށް ގެނެވޭނެކަމަށް،" ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު