އާދިއްތަ, October 11
މުޅި ރާއްޖޭގައި ކުޅިވަރުގެ 879 މަޝްރޫޢެއް ހިނގަމުންއެބަދޭ: މިނިސްޓަރ

މިހާރު މުޅި ރާއްޖޭގައި ކުޅިވަރުގެ 879 މަޝްރޫޢެއް ހިނގަމުންދާ ކަމުގައި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ކުޅިވަރާ ގުޅުންހުރި ޖުމްލަ 879 މަޝްރޫޢެއް ކުރިޔަށްދާ ކަމަށާއި، މީގެ ތެރެއިން އެކި މަޝްރޫޢުތައް ހުރީ އެކި މަރުހަލާތަކުގައި ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާކުގައި ވިދާޅުވެފައިވާ ފަދައިން، އޭގެތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ނިމިފައިވާކަމަށާއި، އަދި ނިމިފައިވާ ކޯޓުތައް ނުވަތަ ދަނޑުތައް ނުވަތަ ފެސިލިޓީތަކުގެ ބޭނުން ހިފަމުންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު، މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރު އިތުރު މަޝްރޫޢުތަކެއް ނިމިގެންދާނެ ކަމަށާއި، އަދި އަމަލީ މަސައްކަތް ނުފެށި ހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިކަން އިތުރަށް ތަފްސީލުކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މުޅިން އަލަށް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ 172 ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތެރެއިން 6 ތަނެއްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި 149 ސެންޓަރެއްގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، މި އަހަރު އަލަށް ފަށައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 17 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސަރުކާރުން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ 186 އައުޓްޑޯ ޖިމްގެ ތެރެއިން މިހާތަނަށް 15 ތަނެއް އެއްކޮށް ނިމިފައިވާ ކަމަށާއި، އަދި 130 އައުޓްޑޯ ޖިމެއްގެ މަސައްކަތް ކުރިޔަށްދާއިރު، މި އަހަރު އިތުރު 38 އައުޓްޑޯ ޖިމްގެ މަސައްކަތް ކުރިޔަށްގެންދެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު