އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ.) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝައިޚް ރަޙްމާ ޢަބްދުއްރަޙްމާން އަލްޝަމްސީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްވަނީ، ސަފީރު އަލް ޝަމްސީ ދިވެހިރާއްޖެއާއި ޔޫ.އޭ.އީ.އާ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށްޓަކައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލް އާއި ސަފީރު އަލްޝަމްސީ ވަނީ މެދުއިރުމަތީގެ މިހާރުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ސަރަޙައްދީ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
ޔޫ.އޭ.އީ. ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ ޑރ. ޚަލީލް ވަނީ ޔޫ.އޭ.އީ. އާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ނުހަނު އިސްކަންދޭކަން ހާމަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމުގެ ގާތް އަޚުވަންތަ ގުޅުން އިތުރަށް ކުރިއަރައި ފުޅާވެގެންދާނެކަމުގެ އިތުބާރު އޮތްކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، މިނިސްޓަރ ޑރ. ޚަލީލްވަނީ، ޔޫ.އޭ.އީ. ސަފީރު އެމަނިކުފާނުގެ ދައުރުގައި ބެހެއްޓެވި ގާތް ރަޙްމަތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި ސަފީރަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ޔޫ.އޭ.އީ. ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރަށްވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.





