ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ގެންނަމުންދާ ބަދަލުތަކެއްކަމަށް ޕީއެންސީން މިއަދުބުންޏެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަކީ ރިޔާސީ ދަައުރު ދަންމަައިލުމަށް ކުރާ މަސައްކަތެއްކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން މިހާރު ފަތުރަމުން އަންނަ ވާހަތަކަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ރައްދުދެއްވިއެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ރައްޔިތުންގެ ބަހެއް ނުހޯދައި ބަދަލުނުކުރެވޭ މާއްދާތައް ބަޔާންކުރާ ގާނޫނުއަސާސީގެ 162 ވަނަ މާއްދާ ބަދަލުކުރުމަށް ނުވަތަ އިސްލާހުކުރުމަށް ރައްޔިތުންގެ ބަހެއް ހޯދުން ކުރިން ލާޒިމުނުވާނެ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި އެ މާއްދާ ބަދަލުކޮށް އިސްލާހުކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެންކަމަށް ކަނޑައަޅައި، އެ މާއްދާވެސް ހިމާޔަތްކޮށްފައިވާކަމަަށް މުބާރިކް ވިދާޅުވިއެވެ.
ހުސްނީގެ ވިދާޅުވީ ރައްޔިތުންގެ ބަސް ހޯދުމަށް މަސައްކަތްކުރަން ފެށުމުން އެކަމަަށް ހުރަސްއަޅައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން އުޅުމަކީ ޑިމޮކްރަސީގެ އަސާސީ ފިކުރުތަކާއި ވިސްނުމާ މުޅިން ފުށުއަރާ ކަމެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 17 ވަރަކަށް އަހަރުވީއިރު، އެ މުއްދަތުގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ގައުމުގެ ކަންކަން ސްމޫތުކޮށް ހަމަޖެހޭ ގޮތަށް ކުރިއަށްގެންދިއުމަށްޓަކައި، ދުސްތޫރީ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއިއެކު ޤާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދިޤު ކުރަން ފެނެތޯ ބެލުމަށް އާންމުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެއެވެ. މިއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ފެނެތޯ ބެލުމަށް ނަގާ ވޯޓެކެވެ. މި ވޯޓުގައި ޕީއެންސީގެ ސްޓޭންޑަކީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރ އަދި އިނގުރައިދޫ ދައިރާގެ މެންބަރ އިބްރާހިމް ފަލާޙް މިކަމުގައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ވޯޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިހާރު މިކަމާއި ދެކޮޅަށް ނުކުމެފައިވީނަމަވެސް މިއީ މީގެ ކުރިން އެފަރާތްތަކުން ތާޢީދު ކުރެއްވި ކަމެއް ކަމަށެވެ. "މިމައްސަލައަކީ އަޅުގަނޑުމެން ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ކުރީގެ ހުރިހާ ސިޔާސީ ޕާޓީއެއްވެސް، ހުރިހާ ވެރިންވެސް ވަރަށް ބޮޑަށް އިއްތިފާޤު ވެފައި އޮތް މައްސަލައެއް މިއީ." ޕީޖީ ލީޑަރ ފަލާޙް ވިދާޅުވިއެވެ.





