ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ 27 ފެބުރުވަރީ 2026 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަލައިފާސްކުރި ފަސިންޖަރެއްގެ އަތުން ކަމަށެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯގްރާމް (2240 ގްރާމް) ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.2 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.







