ނިމިގެންދިޔަ ފެބުރުވަރީ މަހު ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 247،722 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %15.7 ގެ ކުރިއެރުމެކެވެ.
މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 473،920 އަށް އަރައިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. މިގޮތުން ފެބުރުވަރީ28 ގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 76،642 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން ޒިޔާރަތްކޮށްފައިވަނީ 54،027 ފަތުރުވެރިންނެވެ.
މީގެ އިތުރުން ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީން ކަމަށްވާއިރު، ހަތަރު ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އަދި ލިސްޓުގެ ފަސް ވަނައިގައި އޮތީ ޖަރުމަނުވިލާތެވެ.
މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 68 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ.






