ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ހަތަރު ސްކޮލަރޝިޕް ފުރުޞަތަށް ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން އެގްރިކަލްޗަރަލް ސައިންސް ކޯހުގެ 04 ފުރުސަތު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވާތީ، މި ސްކޮލަރޝިޕް ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޯލެވެލްގެ 03 މާއްދާއިން (ބަޔޮލޮޖީ އާއެކު) 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން އަދި ޖީ.ސީ.އީ އޭލެވެލްގެ 02 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތް ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުން ނުވަތަ، ލެވެލް 4 ގެ ސަނަދެއް ފުރިހަމަކުރުން (ދާއިރާއިން ގުޅުން ނެތް)، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކުރުން ނުވަތަ އުމުރުން 20 އަހަރު ފުރިހަމަވެ ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުމާއި، މަސައްކަތުގެ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، އަދި އެމް.ކިޔު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕްރޭޓަރީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުމާއެކު، ސެޓިފައިޑް ޕްރޮފިޝިއެންސީ އިން އިންގްލިޝް (ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ އިނގިރޭސި/އެމްއެންޔޫ އިނގިރޭސި ބަހުގެ ކޮމްޕެޓެންސީ ޓެސްޓް ނުވަތަ އެއާ އެއްވަރުގެ ޓެސްޓް) އެއް ފުރިހަމަކޮށްފައިވުން ހިމެނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ އާއި މަންތްލީ އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް މަހަކު އެއްފަހަރު) އާއި ބްލެންޑަޑް މޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަތޮޅުތަކުން ބައިވެރިވާ ދަރިވަރުން ކުޅުދުއްފުށި ނުވަތަ މާލެ ކެމްޕަސްއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓާއި އިތުރު އެލަވަންސް އެއް ލިބޭނެއެވެ.
މި ކޯހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 05 މާރިޗް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ހުށަހެޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އެ ވުޒާރާއިން ބުނީ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެ ކަމަށެވެ.
އަދި މި ކޯހަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެ ކަމަށާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތައް ބަލައިގަނެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ހުށަހަޅާފައި ވާނަމަ ކަމަށް އެ ވުޒާރާއިން ބުނެއެވެ.






