Thursday, November 12
ބީއެމްއެލް އިން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު މާލީ ކުރިއެރުމާއެކު ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ހުށަހަޅަން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ހުށަހަޅާނެއެވެ. ހިއްސާގެ ފައިދާ ގޮތުގައި ބަހާނެ އަދަދު ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ހުށަހަޅާފައިވާ ކަމަށެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ.

ބީއެމްއެލް އިން ބުނީ ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ.

އަދި މިގޮތަށް ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު