ބ. ކެންދޫގައި ފެނަކައިން ޤާއިމްކުރި އައު އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި އައު އިންޖީނުގެ އާއި އޮފީސް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.
ކެންދޫގައި އަލަށް ޤާއިމްކުރެވުނު މި އިންޖީނުގޭގެ މަސައްކަތް 2021 ވަނަ އަހަރު ޙަވާލުކުރެވުނީ އަމިއްލަ ފަރާތަކާއެވެ. ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކާއެކު މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު ބަހު އަލުން މަސައްކަތް ފަށައި، ނުނިމި ހުރި މަސައްކަތްކޮށް ނިންމާފައިވަނީ ފެނަކައިގެ ފަރާތުންނެވެ.
އަލަށް ހުޅުވުނު އޮފީސް އިމާރާތަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޖާގަ ތަނަވަސް އިމާރާތެކެވެ. މިއާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.
ފެނަކައިން މަޢުލޫމާތު ދިން ގޮތުގައި އަލަށް ހުޅުވާ، ޚިދުމަތަށް މިއަދު މި ގެނެވުނު އިންޖީނުގެއަކީ، ޖާގަ ތަނަވަސްކޮށް، 4 ބެޑާއެކު ޖުމްލަ 1200 ކިލޯވޯޓުގެ ކެޕޭސިޓީގައި ޚިދުމަތް ދެވޭ ގޮތަށް ޤާއިމްކުރެވުނު އިންޖީނުގެއެކެވެ. މީގެ އިތުރުން އިންޖީނުގޭގައި 600ކވގެ މުޅިން އައު އިންޖީނެއް ވަނީ ބަހައްޓާފައިވާ ކަމަށާއި، މިއާއެކު ކަރަންޓު ދެވޭ ކެޕޭސިޓި އިތުރު ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި މި އަދަދު އިތުރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަންމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ ކުރިން އެރަށުގައި ހިންގަމުން ދިޔަ އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެވޭ އެންމެ މަތީ ކެޕޭސިޓީއަކީ 380ކިލޯވޯޓެވެ.
ކެންދޫގައި އަލަށް މި ހުޅުވުނު އިންޖީނުގެއާއެކު، އެރަށުގައި ފެނަކައިން ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެ، ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެއެވެ.
އަދި ކުރީގެ ބާ އިމާރާތް ތިރިވުމުގެ ސަބަބުން، ހޫނުމިން މަތިވެ، އިންޖީނުތަކަށް ދިމާވަމުން އައި ތަފާތު މައްސަލަތަކަށް ނިމުން އައީއެވެ. މިއާއެކު، ކުރީގައި މީހުން ދިރިއުޅޭ ގެތަކާއި ކައިރީގައި ދުންއަރަމުން ދިޔަ "ހަރުގެ" ނިއްވާލެވުނީއެވެ.






