ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ އަވަސް ތަހުޤީޤެއް ހިންގަން ނިންމައިފިއެވެ.
އެޗްއާރުސީއެމުން ބުނީވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން ރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.
އެޗްއާރުސީއެމުން މިހެން ނިންމިއިރު، ފެބުރުވަރީ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ދަނީ އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
މީގެ އިތުރުން 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ތިލަފުށީގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާގައި ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ ވަނީ ނިޔާވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސްކެވޭޓަރު ހައްޔަރުކޮށްފައެވެ..






