އައްޑޫސިޓީ ފޭދޫ އަވަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި، މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2026 ފެބުރުވަރީ 25 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2026 މާރިޗު 03 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމަޔަށް އެ އިދާރާއިން ގަންނަން ލިބެން ހުންނާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެ ކަމަށާއި، ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށެވެ.
އަދި، ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އެނގޭނެހެން އީމެއިލް މެދުވެރިކޮށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށްދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ.
ކައުންސިލުން ވަނީ ބީލަމާ ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 ފެބުރުވަރީ 25 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2026 މާރިޗު 03 ވާ އަންގާރަ ދުވަހުގެ 18:00 އާއި ދެމެދު މެއިލްކޮށްދެއްވުމަށް އެދިފައެވެ. އަދި މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 މާރިޗު 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 19،000.00ރ (ނަވާރަހާސް) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.
މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނަނީ 2026 މާރިޗު 05 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ފޭދޫ ފުޓްސަލް ދަނޑު ތަރައްޤީކުރާ ސަރަހައްދުގައެވެ. އަދި ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.






