ހއ. އިހަވަންދޫގައި ދުވާލަކު 50 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް ބަހައްޓާ ބޭނުންކުރަން ފަށައިފިއެވެ.
މި ފެން ޕްލާންޓަކީ ފެނަކައިން އެރަށުގައި ދެމުންދާ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.
ފެނަކައިން ބުނީ މީގެ ކުރިން އެރަށުގައި ޚިދުމަތްދެމުން ދިޔައީ 50 ޓަނުގެ ކެޕޭސިޓި ޕްލާންޓަކުން އެކަނި ކަމަށްވުމުން އިތުރުކުރެވުނު ފެނުގެ ކެޕޭސިޓީއާއި އެކު ދުވާލަކު ފެން އުފައްދާ މިންވަރު ދެގުނައަށް އިތުރުވެ 100 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ.
މިމަހުގެ 16 ވަނަ ދުވަހު ބޭނުންކުރަން ފެށި މި އާރުއޯ ޕްލާންޓާއި އެކު ރަށުގައި ބޭނުންވާ ޑިމާންޑަށް ފެން ފޯރުކޮށްދިނުމުގައި ދިމާވާ ގިންޖެހުންތަކަށް ހައްލެއް ލިބި ޚިދުމަތް ރަނގަޅުވެގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.






