އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަން މިއަދު ސުވިޒަލެންޑުގެ ޖެނީވާގައި ފަށައިފިއެވެ. މި ސެޝަން ފެށުމުގެ ގޮތުން ބާއްވާ "ހައި-ލެވެލް ސެގްމަންޓް" ކުރިއަށްދާނީ 2026 ފެބުރުވަރީ 23 އިން 25 އަށެވެ. އަދި އޭގެ ފަހުން ބާއްވާ "ޖެނެރަލް ސެގްމަންޓް" ތާވަލުކުރެވިފައިވަނީ 2026 ފެބުރުވަރީ 26 އިން މާރިޗު 31 ގެ ނިޔަލަށެވެ.
މި ސެޝަންގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ބަޔާނެއް އިއްވަވާނެއެވެ. މިނިސްޓަރުގެ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ހޯއްދަވާފައިވާ ކުރިއެރުންތަކުގެ މަޢުލޫމާތު މަޖިލީހާ ހިއްސާކުރައްވާނެއެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި އަދި އެންމެން ޝާމިލުވާ ތަރައްގީގެ މައިގަނޑު އަސާސެއްގެ ގޮތުގައި، ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން މިނިސްޓަރު އަލުން ކަށަވަރުކޮށްދެއްވާނެއެވެ. އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށާއި ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މަސައްކަތްތަކުގައި އެ ގައުމުތަކުގެ މާނަވީ އަދި ދެމެހެއްޓެނިވި ބައިވެރިވުން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރު ވާހަކަފުޅު ދައްކަވާނެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، 2026 ފެބުރުވަރީ 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެޑްވާންސިންގ ހިއުމަން ރައިޓްސް އެންޑް އިކުއަލިޓީ: އިންވެސްޓިންގ އިން ވުމެން އެންޑް ޕޮލިޓިކަލް ލީޑަރޝިޕް އިން މަލްޓިލޭޓަރަލިޒަމް" މި މައުޟޫޢަށް ބާއްވާ މަތީ ފަންތީގެ ހަރަކާތެއްގައި މިނިސްޓަރު ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ ސުލޮވީނިއާއިން އިންތިޒާމުކޮށް، ދިވެހިރާއްޖެއިން ކޯ-ސްޕޮންސަރ ކުރާ ހަރަކާތެކެވެ.
ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖޭގެ ވަފުދުން ގައުމީ ބަޔާންތައް ހުށަހަޅާނެއެވެ. މީގެ އިތުރުން، ޖެނީވާގައި ގާއިމުވެފައި ތިބޭ ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ދެ ގުޅިފައިވާ ބަޔާނެއްވެސް ރާއްޖެއިން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވާ ރާއްޖޭގެ ވަފުދު އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ވަފުދުގައި ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް މިދުފާ ނައީމް، ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ކައުންސިލަރު އާދަމް ހާމިދު، ކައުންސިލަރު އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީން، ފޮރިން މިނިސްޓްރީގެ ޑެސްކް އޮފިސަރު ފައިޙާ އަޙްމަދު ފިރާޤް އަދި ޖެނީވާ މިޝަންގެ އެޓާޝޭ މުޙައްމަދު ރާއިދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.






