1447 ވަނަ އަހަރުގެ މާތްވެގެންވާ ރަމަޟާން މަހާ ދިމާކޮށް، ކުޑަކުދިންނަށް ޚާއްޞަކޮށްގެން "ހުކުރު ޚުތުބާ ކުއިޒް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިފްތިތާޙުކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މިއީ ޢުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ހުކުރު ޚުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ފެށި ޕްރޮގްރާމެކެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
އިސްލާމީ ވުޒާރާއިން ބުނީ މިއީ ދިވެހި ބަހުން ކުރިއަށްގެންދާ "އޯޕަން ބުކް" މެތަޑަށް ކުރިއަށްދާ ކުއިޒެކެއް ކަމަށާއި، އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމަށްޓަކައި ވުޒާރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔަންވާނެ ކަމަށެވެ. އަދި ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށް އޮންނާނެ ކަމަށެވެ.
ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި މުބާރާތް ކުރިއަށްގެންދަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ.
މި ކުއިޒުގައި ބައިވެރިވުމަށްޓަކައި އިސްލާމީ ވުޒާރާއިން މިކަމަށްޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަދެލަން ވާނެއެވެ. މި ގްރޫޕަށް ކޮންމެ ހުކުރު ޚުޠުބާއެއް ލެވޭނެ ކަމަށާއި، ކުއިޒާބެހޭ އިތުރު މަޢުލޫމާތު ވެސް ދެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މި މުބާރާތުން ވަނަވަނައަށް ދާނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިން ކަމަށާއި، މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށެވެ. ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ތިން އުމުރުފުރާއިންވެސް އެއްވަނަ އަށް ދާ ކުދިންނަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، ދެ ވަނަ އަށް ދާ ކުދިންނަށް 1،000ރ. އަދި ތިން ވަނަ އަށް ދާ ކުދިންނަށް 500ރ. ދިނުމަށް ހަމަޖެހިފައިވެއެވެ.







