މާލޭގައި އާއްމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައާއި ޕާކިންގ ޒޯނުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް މާދަމާއިން ފެށިގެން ޓޯކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދަރާތައް ގުޅިގެން ފެބުރުވަރީ 23 ވަނަ ދުވަހުން ފެށިގެން ޓޯކުރަމުންދާނެ ކަމަށެވެ.
އެގޮތުން މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް، މިއަދު 23:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގައިފައެވެ.
އަދި މި ތާރީޚުގެ ފަހުން މާލޭގައި ގަވާއިދަ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ޓޯކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށާއި، ޓޯ ކުރެވޭ އުޅަނދުތައް ޓޯކުރުމަށް ފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އުޅަނދުތަކުގެ ވެރިފަރާތުން ކަމަށެވެ.






