އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފްލޮރިޑާގައި ހުންނަ މާ-އަ-ލާގޯ ރިސޯޓުގެ ސަލާމަތީ ސަރަހައްދަށް ވަންނަން މަސައްކަތް ކުރި މީހަކަށް، ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރާލައިފި ކަމަށް އެމެރިކާގެ ސީކްރެޓް ސާވިސްއިން ހާމަކޮށްފިއެވެ.
ސީކްރެޓް ސާވިސްގެ ކޮމިއުނިކޭޝަންސް ޗީފް އެންތަނީ ގުގްލިއެލްމީ ވިދާޅުވި ގޮތުގައި، އުމުރުން 20 އަހަރުގެ މި މީހާގެ އަތުގައި ބަޑިއަކާއި ތެޔޮ ހަމެއް އޮތެވެ. އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގިއިރު ޓްރަމްޕް ހުންނެވީ ވޮޝިންޓަން ޑީސީގައެވެ. އަދި އެ ވަގުތު ސީކްރެޓް ސާވިސްގެ ހިމާޔަތް ލިބިފައިވާ އެއްވެސް ބޭފުޅަކު އެ ރިސޯޓުގައި ނެތް ކަމަށް އެ އިދާރާއިން ބުނެއެވެ.
ގުގްލިއެލްމީ އިތުރަށް ވިދާޅުވީ، މާ-އަ-ލާގޯގެ އުތުރު ގޭޓާ އެ މީހާ ކައިރިވުމުން، ސީކްރެޓް ސާވިސްގެ އޭޖެންޓުންނާއި ޕާމް ބީޗް ކައުންޓީގެ ޝެރިފް އޮފީހުގެ ޑެޕިއުޓީއަކު އޭނާއާ ކުރިމަތިލި ކަމަށެވެ. ބަޑިޖެހުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެއްވަމުން ގުގްލިއެލްމީ ވިދާޅުވީ، މަރުވި މީހާއަކީ ނޯތު ކެރޮލައިނާގެ މީހެއް ކަމަށާއި، އޭނާ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ އެ ސަރަހައްދަށް ދިޔައީ ބަޑިއެއް ހޯދައިގެންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އެ މީހާގެ މަގުސަދަކީ ކޮބައިކަން ބެލުމަށް އެފްބީއައި އާއި ސީކްރެޓް ސާވިސް އަދި ޕާމް ބީޗް ކައުންޓީގެ ޝެރިފް އޮފީހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. ޕާމް ބީޗް ކައުންޓީގެ ޝެރިފް ރިކް ބްރެޑްޝޯ ވިދާޅުވި ގޮތުގައި، ފުލުހުން އެ މީހާއާ ކުރިމަތިލުމުން އޭނާ ވަނީ އޭނާގެ އަތުގައި އޮތް ބަޑި އުފުލާލާފައެވެ. އެހިސާބުން އޭނާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލެއް ހުއްޓުވުމަށް އޭޖެންޓުން ބަޑިޖެހީއެވެ.
ފާއިތުވި އަހަރުތަކުގައި ޓްރަމްޕްގެ ފުރާނައަށް ނުރައްކާވާ ފަދަ އެތައް ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން މި ހިނގާ މަހުގެ ކުރީކޮޅު، ސެޕްޓެމްބަރު 2024 ގައި ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ރަޔަން ރައުތު ވަނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
މީގެ އިތުރުން، މިދިޔަ ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ރެލީއެއްގެ ތެރޭގައި މެތިއު ކުރޫކްސް ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕްގެ ކަންފަތަށް ވަނީ އަނިޔާވެފައެވެ. އެ ހަމަލާގައި ރެލީއަށް ގޮސް ހުރި މީހަކު ވަނީ މަރުވެފައެވެ.





