ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހަތަރު ރަށަކަށް ބޭނުންވާ މުޅިން އައު ހަތަރު ޖެނެރޭޓަރު ގެނެސްފިއެވެ.
އެއީ 600 ކިލޯވޯޓުގެ ތިން ޖެންސެޓާއި 400 ކިލޯވޯޓުގެ އެއް ޖެންސެޓް ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. މީގެ ތެރެއިން ދެ ޖެންސެޓް ރަށްރަށަން ފޮނުވާލުމުގެ މަސައްކަތް މިހާރު ހިނގަމުންދާއިރު، އިތުރު ދެ ޖެންސެޓް މާލެ ގެނެސް ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ. މި ޖެންސެޓްތައް ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
600ކވ – ލ.އިސްދޫ
400ކވ – ލ.ދަނބިދޫ
600ކވ – ބ.ކެންދޫ
600ކވ – ހއ.ކެލާ
މީގެ ތެރެއިން ލ. ދަނބިދުއަށް ގެންދާ 400ކވގެ ޖެންސެޓާއި ލ.އިސްދުއަށް ގެންދާ 600ކވގެ ޖެންސެޓްވަނީ އެރަށްރަށަށް ގެންދިޔުމަށް ލޯޑް ކުރެވިފައެވެ. އަދި މާދަމާގެ ވަގުތެއްގައި މި ރަށްތަކަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ. ކެލައަށާއި ކެންދޫއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދެ ޖެންސެޓް މިއަދުގެ ވަގުތެއްގައި ކްލިއަރކުރެވި، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެރަށްރަށަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަށްރަށުގައި ޑިމާންޑަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ދަނީ ހުރިހާ ޖެނެރޭޓަރެއް އެއްފަހަރާ ބޭނުން ކުރަމުންނެވެ. ވުމާއެކު، މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ހަތަރު ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.






