ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ މި ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން މާރިޗު 1 ގެ 11:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެސް އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދިނުމަށް މަޖިލީހުން ވަނީ އެދިފައެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޤާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށެވެ.
މީގެ އިތުރުންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ޙައްޤުތައް ލިއްބައިދޭ މޭރުމުން، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް މި ބިލު ހުށަހެޅި މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.







