ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްފިއެވެ. އެމްއެމްއޭ އިން ވަނީ 17 ފެބުރުވަރީ 2026 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި އުސޫލުގެ ދަށުން، އާންމުކޮށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު %32 އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމަކީ ރަމަޟާން މަހު އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ބޮޑުވާތީ، މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ ސަބަބުން ބާޒާރުގައި މުދާ މެދުނުކެނޑި ލިބެން ހުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
މީގެ އިތުރުން، ރަމަޟާން މަހު އާންމުންނަށް ދަތިނުވެ އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާ ކަމަށާއި، މި މަހަކީ ތަކެތީގެ އަގުތައް ބޮޑުނުވެ ހެޔޮ އަގެއްގައި މުދާ ލިބޭނެ މަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.






