އަލަށް ގެނައި 20ރ. އާއި 100ރ. ގެ ނޫޓުތައް މިއަދުން ފެށިގެން ދައުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިގްތިސާދުގައި ނަގުދު ފައިސާ އަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީ އަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން 02 ނަގާ ނޫޓު ތަކުގެ ބަދަލުގައި ބޭނުންކުރުމަށް، ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން ފެބުރުވަރީ 2 ގައި ގެނައި 20 ރުފިޔާގެ ނޫޓާއި ފެބުރުވަރީ 15 ވަނަ ދުވަހު ގެނައި 100 ރުފިޔާގެ ނޫޓުތައް، މިއަދުން ފެށިގެން، ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 20ރ. އަދި 100ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށާއި، މި ދެ ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މީގެ ތެރެއިން 20ރ. ގެ އައު ޗާޕުގެ ދެ ފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެ ކަމަށާއި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގަައިވާ މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަރުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު ކަމަށެވެ.
އަދި 7 ޖުލައި 2024 ގެ ތާރީޅުގައި އެންމެ ފަހުން ނެރެފައިވާ 100ރ. ގެ ނޫޓާ އެއްގޮތަށް 100ރ. އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 20ރ. އާއި 100ރ. ގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 20ރ. އާއި 100ރ. ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.






