ސަޢޫދީ އަރަބިޔާގެ ރިޔާދުގައި ކުރިއަށްދިޔަ " ގްލޯބަލް ލޭބަރ މާކެޓް ކޮންފަރެންސް"ގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ދިވެހިރާއްޖެ ތަމްސީލްކޮށްދެއްވައިފައެވެ.
މި ކޮންފެރެންސްގައި، ދިވެހިރާއްޖެ ތަމްޞިލުކުރައްވައި ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިވެހި ޒުވާނުންނަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލުގެ ކުރިއެރުން ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގައި، ވަޒީފާ ހޯދުމަށް މަސައްކަތްކޮށް، ވަޒީފާ ލިބިފައި ނުވާ ޒުވާނުންގެ އަދަދު ސުމަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުއިއްޒުގެ އަމާޒުފުޅުގެ ތެރޭގައި ހިމެނޭ މުހިއްމުކަމެއްކަން ހާމަކުރައްވައިފައެވެ. އެގޮތުން، މިފަދަ ބޮޑު އަމާޒަކަށް ވާޞިލްވުމަށް އުޞޫލުތައް އެކުލަަވައިލުމާއި، ތަންފީޒުކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި އެމަނިކުފާނު ވިދާޅުވީ ދިވެހި ދަޢުލަތުން ޤާއިމުކުރެވިފައިވާ ނޭޝަނަލް ކެރިޔަރސް ސްކިލްސް (އެން.ސީ.އެސް) މެދުވެރިކޮށް ވަޒީފާ ދޭ ފަރާތާއި ވަޒީފާ ހޯދާ ފަރާތްތަކާއި ގުޅުވައިދިނުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދެވިފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ވޮކޭޝަނަލް ތަމްރީނު ޕްރޮގްރާމްތަކުގެ ދަށުން ދިވެހިރާއްޖެއަށް މުހިއްމު މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް ބޭނުންވާ ޚާއްސަ މިންގަނޑުތަށް ކަނޑައެޅިފައިވާކަމާއި އެ ދާއިރާތަކުން ކުރިއެރުން ހޯދާފައިވާ ފަރާތްތަކުގެ އެއްބާރުލުމާއެކު މިހާރުވެސް ޒުވާނުން ތަމްރީނުކުރަމުންދާކަމަށް ވިދާޅުވެފައެވެ.
މި ޖަނަވަރީ މަހުގެ 26-27ގައި ބޭއްވުނު މި ކޮންފެރެންސަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 200އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާ ކޮންފަރެންސެކެވެ. މި ބައިނަލްއަޤްވާމީ ކޮންފެރެންސްގެ މައިގަނޑު މަޤްޞަދަކީ އެންމެނަށް ހަމަހަމަ ފުރުޞަތު ލިބުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ގެނައުވައިދޭ ބައިނަލްއަޤްވާމީ މަސައްކަތުގެ މައިދާނެއް ބިނާކުރުމެވެ. އެގޮތުން، މަޢުލުމާތު ހޯދުމާއި، މަޢުލޫމާތު ޙިއްސާކުރުން، މަސައްކަތްތެރިންގެ ޝަކުވާތަށް ހިއްސާކުރެވޭނެ މާހަޢުލެއް ބިނާކުުރުމާއި، މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކުރުމާއި ގުޅިގެން އެކި ޕޮލިސީތަކާއި އުޞޫލުތައް އެކުލަވައިލައި ތަންފީޒުކުރުން ފަދަ މުހިއްމު މަޢުލޫތަކުގެ މައްޗަަށް ވަނީ އަލިއަޅުވައިލެވިފައެވެ.






