Thursday, November 12
ރަޝިއާގައި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފި

ރަޝިޔާގެ ޤާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެ ޤައުމުގައި މެސެޖް ކުރުމަށް ބޭނުންކުރާ މަޝްހޫރު އެޕްލިކޭޝަން "ވަޓްސްއެޕް" ބްލޮކްކޮށްފިއެވެ. ޔޫކްރެއިން ހަނގުރާމަ ކުރިއަށްދާ މި ދަނޑިވަޅުގައި ރަޝިޔާއިން މި ފިޔަވަޅު އެޅީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ސަރުކާރުގެ ކޮންޓްރޯލް ވަރުގަދަކުރުމުގެ މަޤްޞަދުގައި ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުރާސްފަތި ދުވަހު ހާމަކުރެއްވި ގޮތުގައި، ވަޓްސްއެޕް ބްލޮކް ކުރަން ޖެހުނީ ރަޝިޔާގެ ޤާނޫނީ މިންގަނޑުތަކަށް އެ ކުންފުނިން އިޙްތިރާމް ނުކުރުމުގެ ސަބަބުންނެވެ. އޭނާ ވަނީ ވަޓްސްއެޕްގެ ބަދަލުގައި ސަރުކާރުގެ އެހީތެރިކަމާއެކު އުފައްދާފައިވާ "މެކްސް" ބޭނުންކުރުމަށް ރަޝިޔާގެ ރައްޔިތުންނަށް އިރުޝާދު ދެއްވާފައެވެ. "މެކްސް" އަކީ މެސެޖް ކުރުމުގެ އިތުރުން ސަރުކާރުގެ ޚިދުމަތްތަކާއި ފައިސާ ދެއްކުމުގެ ކަންކަން އެއް ފުރާޅެއްގެ ދަށުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ.

ނަމަވެސް، ޓެކްނޮލޮޖީ މާހިރުން އިންޒާރު ދޭ ގޮތުގައި "މެކްސް" ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ސަބަބަކީ އެ އެޕްލިކޭޝަނުން މެސެޖްތަކުގެ ސިއްރު ހިފެހެއްޓުމަށް ބޭނުންކުރާ "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" ބޭނުން ނުކުރާނެ ކަމަށާއި، ސަރުކާރުން އެދިއްޖެ ހިނދެއްގައި ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރާނެ ކަމަށް ފާޅުގައި ބުނެފައިވާތީއެވެ. މީގެ ސަބަބުން އާންމުންގެ ޒާތީ މުޢާމަލާތްތައް ސަރުކާރުގެ ފާރަވެރިކަމުގެ ދަށަށް ދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މީގެ ކުރިން ވެސް ރަޝިޔާއިން ވަނީ އެމެރިކާގެ މެޓާ ކުންފުނީގެ ދަށުން ހިންގާ ވަޓްސްއެޕާއި ޓެލެގްރާމުން ތަޙުޤީޤީ އިދާރާތަކަށް މަޢުލޫމާތު ނުދޭ ކަމަށް ބުނެ، އެ އެޕްތަކުގެ ބައެއް ޚިދުމަތްތައް ހަނިކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ރަޝިޔާގެ މި ފިޔަވަޅު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިޔާ ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ނަމުގައި ބޭނުންކުރަނީ ޑިޖިޓަލް ދުނިޔޭގައި މީހުންގެ އަޑުކަނޑުވާލުމުގެ އުކުޅުތައް ކަމަށެވެ.

ވަޓްސްއެޕްގެ ތަރުޖަމާނަކު ބުނި ގޮތުގައި، ރަޝިޔާގެ 100 މިލިއަނަށްވުރެ ގިނަ ރައްޔިތުން ރައްކާތެރި މުޢާމަލާތް ކުރުމުގެ ފުރުޞަތުން މަޙްރޫމް ކުރުމަކީ ވަރަށް ނޭދެވޭ ކަމެކެވެ. އަދި ކަސްޓަމަރުން ގުޅިފައި ބޭތިއްބުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރަޝިޔާގެ ގިނަ ބަޔަކު ވަޓްސްއެޕް ބޭނުންކުރަނީ ވީ.ޕީ.އެން މެދުވެރިކޮށެވެ. މީގެ އިތުރުން ރަޝިޔާއިން ވަނީ އެކްސް (ޓްވިޓަރ)، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މަނާކޮށް، ޔޫޓިއުބާއި އެޕަލްގެ ފޭސްޓައިމް ފަދަ ޚިދުމަތްތަކަށް ވެސް ހުރަސްތައް ކުރިމަތިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު