ބްލޫމްބާރގް އިނިޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ "ބްލޫމްބާރފް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ހަރަކާތްތަކަށް އެހީ ދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގް ގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ޑިސެންބަރު 2006 އިްން ފެށިގެން ހިންގާ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢު އިންތިޒާމުކޮށް ހިންގަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ ޖަމުޢިއްޔާއެއް ކަމަށްވާ "އިންޓަރނޭޝަނަލް ޔޫނިއަން އެގެއިންސްޓް ޓިއުބަރކިއުލޮސިސް އެންޑް ލަންގް ޑިޒީސް" (ދަ ޔޫނިއަން) އާއި "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ.
އެޗްޕީއޭ އިން ބުނީ މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ގްރާންޓްސް ޕުރޮގުރާމުގެ 39 ވަނ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު އާންމުކޮށް ހުޅުވަލާފައިވާ ކަމަށެވެ.
އަދި އެހީއަށް ހުށަހަޅަން ޖެހޭނީ ސީދާ އެ ޕުރޮގުރާމަށް، އެ ޕުރޮގުރާމުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މި ޕުރޮގުރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެ ހަރަކާތެއްގެ ސަބަބުން ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒުކުރެވިފައިވާ ހުށަހެޅުންތަކަށް ކަމަށެވެ.
މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނިވި ކަންކަމަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަންދެވޭނެ:
- ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.
- ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުން މަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އެފަދަ ފިޔަވަޅުތައް ތަންފީޒުކުރުން.
- މަސައްކަތުގެ މާހައުލުގައާއި އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ގަވާއިދުތަކާއި އެފަދަ ގަވާއިދުތައް ތަންފީޒުކުރުން
- ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯ ޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފްކުރުން.
އަދި މި ނޫންވެސް ދުންފަތް ކޮންޓްރޯލްކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭ ގޮތަށް، އެކި ފަރާތްތަކާ ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާއަތުގެ ހަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތަކަށްވެސް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ ފެބުރުވަރީ 25 ގެ ނިޔަލަށް ކަމަށެވެ.




